އިންޑިއާއަކީ ތަރައްގީގެ މަގުގައި ދިވެހިރާއްޖެއަށް އަބަދުވެސް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ފޮނުއްވަމުންނެވެ.
މިއަދު އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންޑިއާއަކީ އަބަދުވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. އަދި މިކަމަށްޓަކައި އިންޑިއާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު 26 ގައި ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު މޯދީއެވެ.
މި ސަރުކާރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާގެ ފަންނާނުން ވަނީ ރާއްޖެ ބޮއިކޮޓުކުރަންވެސް ގޮވާލާފައެވެ. ނަމަވެސް، އެ ހާދިސާގެ ފަހުން ސަރުކާރުން އަންނަނީ އިންޑިއާއާ އެކު ގުޅުން ވަރުގަދަކުރަން ގަދައަޅާ މަސައްކަތްކުރަމުންނެވެ. އެ ގޮތުން، ރައީސް މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.





