އީރާނުގެ ކަރަންޓު އުފައްދާ ކާރުޚާނާތަކާއި ހަކަތައާ ގުޅޭ މަރުކަޒުތަކަށް ހަމަލާދިނުން ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 13 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މިއަދު ޖީއެމްޓީން 11:08 ހާއިރު ބާޒާރުގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކުން 17 ޑޮލަރު (15 އިންސައްތަ) ދަށަށް ގޮސްފައެވެ. މިއާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ވަނީ 96 ޑޮލަރަށް ވެއްޓިފައެވެ. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ވަނީ 13 ޑޮލަރު (13.5 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު 85.28 ޑޮލަރަށް ތިރިވެފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ އީރާނަށް ދޭން ރާވާފައިވާ އަސްކަރީ ހަމަލާތައް ފަސްދުވަހުގެ މުއްދަތަކަށް ފަސްކުރެއްވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމާ ގުޅޭގޮތުން އީރާނާއެކު ”ވަރަށް ރަނގަޅު އަދި އުންމީދީ“ މަޝްވަރާތަކެއް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން މި ވާހަކަތައް ދޮގުކުރެއެވެ. އެ ގައުމުން ބުނެފައިވަނީ އެމެރިކާއާ އެކު ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ވެސް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށެވެ.
މިދިޔަ ހަތަރު ހަފުތާއެއްހާ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މީގެ ކުރިން ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި ހުރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ ކަރަންޓު އުފައްދާ އެންމެ ބޮޑެތި މަރުކަޒުތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ތެލުގެ އަގު ކުއްލިއަކަށް މިހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ މަސްރަހު ފިނިވެ، ތެޔޮ ސަޕްލައިކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދު އިންވެސްޓަރުންނަށް ލިބުމާ ގުޅިގެން ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.





