ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ސްްރީލަންކާ އަތުން ބަލިވެއްޖެއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރާއްޖެއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ލަންކާއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗު ފެށިގެން އެންމެ ފުރަތަމަ ރާއްޖޭގެ ގޯލަށް ނުރައްކާކުރީ ލަންކާ ޓީމުންނެވެ. ރާއްޖޭގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި ލަންކާ ޓީމުން ތަނަވަސްކުރި ފުރުސަތުގައި، ރާއްޖޭގެ ކީޕަރު ޒަހްރާން ޙަސަން ވަނީ ވަރަށް ހުށިޔާރުކަމާއެކު ކުރިއަށް ޖެހި އެ ބޯޅަ ދިފާއުކޮށްފައެވެ.
ލަންކާގެ މި ހަމަލާއަށްފަހު ރާއްޖެއިން ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިގެން ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުއްމީދީ ތަރިން ކަމުގައިވާ އީތަން އިބްރާޙީމް ޒަކީ އާއި މުޙައްމަދު އިލާން އިމްރާންގެ ފަރާތުން ލަންކާގެ ޑިފެންސަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވިއެވެ.
ރާއްޖެއިން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކެއްގައި އަޙްމަދު މިކްޔަލް މުއީން ތަނަވަސްކޮށްދިން ފުރުސަތެއްގައި، ލަންކާގެ ކީޕަރު ޝާތިން ޝަހީދު ކައިރިން ނައްޓާލުމަށްފަހު މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާން އެވެ.
މެޗުގެ ތެރެއިން ލަންކާގެ ކީޕަރު ޝާތިންއަށް ދެ ފަހަރެއްގެ މަތިން އަނިޔާވެ، 45 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ބަދަލު ކީޕަރު ނަޑާލް ސެނަޕާލާއެވެ. ކީޕަރަށް ފަރުވާ ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވުމުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ކުޅެފައިވެއެވެ. ރާއްޖޭގެ ދެވަނަ ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖަހައިދިނީ ވެސް އިލާން އެވެ. މިއީ އަޙްޒަމް ރަޝީދު ހުރަސްކޮށްދިން ބޯޅައެއްގައި ލަންކާގެ ކީޕަރަށް ހެދުނު ގޯހަކުން ލިބުނު ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ލަންކާގެ މުޙައްމަދު ކަތީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާއެކު ލަންކާ ޓީމުން ކުޅުން ވަރުގަދަކުރިއެވެ. ރާއްޖެއިން މެޗުގެ 54 ވަނަ މިނެޓުގައި ޙުސެއިން ގައިސް މުޙައްމަދުގެ ބަދަލުގައި ޔޫސުފް އަޔާން އާމިރު ކުޅެން އެރުވި ނަމަވެސް، 62 ވަނަ މިނެޓުގައި ލަންކާގެ އަޙްމަދު ހިޖާޒީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ލަންކާއިން މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން ލަންކާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ މުޙައްމަދު ކަތީމެވެ.
މި ނަތީޖާއާއެކު ލަންކާ އޮތީ ތިން ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ނޭޕާލަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ރާއްޖެއާއި ބޫޓާނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.





