ކޮލަމްބިއާގެ ދެކުނުގައި އެގައުމުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަދުވެގެން 64 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. ޖުމްލަ 125 މީހުންނާއެކު ދަތުރުކުރި މި ބޯޓު ވެއްޓިފައިވަނީ އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ކޮލަމްބިއާގެ ޑިފެންސް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޕެރޫ އަދި އިކުއެޑޯގެ ބޯޑަރު ކައިރީގައި އޮންނަ ޕުޓުމާޔޯ ޕްރޮވިންސްގެ ޕުއެރްޓޯ ލެގުއިޒާމޯގައެވެ.
މި ހާދިސާއާ ގުޅިގެން ޕުޓުމާޔޯގެ ގަވަރުނަރު ޖޯން ގެބްރިއަލް މޮލީނާ ވިދާޅުވީ، މަރުވި 34 މީހުންގެ ތެރެއިން 21 މީހަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. ވެއްޓިފައިވަނީ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާފައިވާ ”ހާކިއުލިސް ސީ-130“ މަރުކާގެ ބޯޓެކެވެ. އެގައުމުގެ ވައިގެ ސިފައިން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓުން ދަތުރުކުރަމުންދިޔައީ އަސްކަރީ ސިފައިން އެހެން ސިޓީއަކަށް ގެންދިއުމަށެވެ.
ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޯޓު ވެއްޓިފައިވަނީ ރަންވޭއާ އެންމެ 1.5 ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި ބޯޓު ވެއްޓުމާއެކު ރޯވި އަލިފާނުގެ ސަބަބުން، ބޯޓުގައި ހުރި ގޮވާތަކެތި (އަމިއުނިޝަން) ގޮވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިއީ އެއްވެސް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާއެއް ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެންނަން ނެތް ކަމަށް މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.
މި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވެރިރަށް ބޮގޯޓާއަށާއި އެހެނިހެން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖެހިފައިވާ ދެ ބޯޓެއް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ކޮލަމްބިއާއިން ”ހާކިއުލިސް“ މަރުކާގެ ބޯޓުތައް ބޭނުންކުރަން ފެށީ 1960 ގެ އަހަރުތަކުގައެވެ. އަދި ދާދި ފަހުން އެމެރިކާއިން ވަނީ އައު ބޯޓުތައް ފޮނުވައި، ބައެއް ބޯޓުތައް އާބާތުރަ ފިލުވައިދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުވެސް ބޮލީވިއާގެ އެއާފޯސްގެ ހާކިއުލިސް ސީ-130 ބޯޓެއް އެލް އަލްޓޯ ސިޓީއަށް ވެއްޓި، 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.





