މާލޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ”މާލެ ޓެކްސީ ލައިން“ ގެ ޚިދުމަތަށް ބޭނުންވާ ޕާޓް-ޓައިމް ޑްރައިވަރުން، ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން މިއަދު ބުނި ގޮތުގައި، މި ޚިދުމަތާ ގުޅެން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީ ވާންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ މި މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފުރިހަމައަށް ހިންގުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 285 ފުލް-ޓައިމް ޑްރައިވަރުންނާއި 122 ޕާޓް-ޓައިމް ޑްރައިވަރުންނެވެ. ޑްރައިވަރުން ހޯދުމަށްޓަކައި މިދިޔަ ޖެނުއަރީ މަހާއި މި މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ މާލޭގައި ވޯކް-އިން-އިންޓަވިއުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ދޭން ނިންމާފައިވާ ޚިދުމަތެކެވެ. އެގޮތުން ތިން ސައިޒެއްގެ ވެހިކަލް މި ޚިދުމަތުގައި ބޭނުންކުރާއިރު، މިއީ ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް ލިބޭނެ ޚިދުމަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށާނެ ސީދާ ތާރީހެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.




