ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކަމަށް ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 11:00 ގައި ނެރުނު ރެކޯޑުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެވަރެޖުކޮށް ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. މީގެ ތެރެއިން އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔައީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި ހޫނުމިން ހުރީ 36.8 ޑިގްރީ ސެލްސިއަސްގައެވެ. މީގެ އިތުރުން ލ. ކައްދޫ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ޑިގްރީ ސެލްސިއަސްގައެވެ.
މިގޮތަށް ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، ސިއްހީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެޗްޕީއޭއިން ވަނީ ބައެއް ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ. އެގޮތުން، ދުވާލުގެ އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށާއި، ކަރުހިއްކުން އިހުސާސް ނުވި ނަމަވެސް ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ބޭރަށް ނިކުންނަ ނަމަ ގަޔަށް ފަސޭހަ، ތުނި ހެދުން ލުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.
ހޫނުގެ ސަބަބުން މާ ބޮޑަށް ވަރުދެރަވުމާއި، ބޮލުގައި ރިއްސުން ނުވަތަ އެނބުރުން އަރާ ފަދަ އަލާމާތެއް ފެންނަ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހާއި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވަނީ ވައިގެ ތެތްކަން ހުންނަ މިންވަރާއި ވައި މަޑުވުމުގެ ސަބަބުންނެވެ.





