އިސްލާމްއާބާދު: އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝަރީފް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށްޓަކައި މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވަން ވާހަކަތައް ފެށުމަށް ޕާކިސްތާނުން މަރުހަބާ ކިޔައި ފުރިހަމައަށް ތާއީދުކުރަން،“ ބޮޑުވަޒީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ އާއި އީރާނުން އެއްބަސްވާ ނަމަ، މި ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ މާނަހުރި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ ޝަރަފު ލިބިގަންނަން ޕާކިސްތާނު އޮތީ ތައްޔާރަށް ކަމަށެވެ.
މި މައުޟޫއާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް އެމެރިކާއިން އެދިފައިވާކަމުގެ މެސެޖުތަކެއް ބައެއް ”ރަހުމަތްތެރި ގައުމުތަކުން“ ލިބިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަދައްކަވައި، ސަރަހައްދަށް ސުލްހަ ގެނައުމަށް ޕާކިސްތާނުން އެހީތެރިވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އަދި ބޮޑުވަޒީރުގެ ނައިބު އިސްހާގު ދާރް ވެސް ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ ގުޅުއްވައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތާހިރު ހުސައިން އަންދްރާބީ އޭއެފްޕީއަށް ވިދާޅުވީ، ޕާކިސްތާނަކީ އަބަދުވެސް ޑިޕްލޮމެސީ އާއި މަޝްވަރާއަށް ވަކާލާތުކުރާ ގައުމެއް ކަމަށެވެ.
ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ދާދި ފަހުން އޮމާނަށް ކުރެއްވި ސިއްރު ދަތުރުފުޅެއްގައި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނާއާ ބައްދަލުކުރައްވާފައިވާ ކަމަށް ޕާކިސްތާނުން އޮމާނަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އިމްރާން އަލީ ޗައުދަރީ ވަނީ ވިދާޅުވެފައެވެ.
އީރާނަކީ ޒަމާނުއްސުރެ ޕާކިސްތާނާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރީގައި މުޒާހަރާތައް ހިނގާފައިވާއިރު، ޕާކިސްތާނު ސަރުކާރުން ވަނީ އެ އަމަލު ކުށްވެރިކޮށް، އީރާނުގެ އާ ލީޑަރު މުޖުތަބާ ޚާމަނާއީއަށް މަރުހަބާ ކިޔާފައެވެ.






ފުރަތަމަ ތިމަންމެންކުރާ ހަނގުރާމަ ހުއްޓޭތޯ ބަލާބަލަ. އޭގެފަހުން އެހެންމީހުނަށް ގޮތްކިޔާދޭނީ އިނގޭތޯ؟؟