ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދުވެވަޑައިގެންފައިވާ، އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ވެރިޔާ ޢަލީ ލަރިޖާނީގެ ބަދަލުގައި، އެ ޤަދަރުވެރި މަޤާމަށް، އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކުރީގެ ކޮމާންޑަރު އަދި ތަޖުރިބާކާރު ސިޔާސީ ލީޑަރު، މުޙައްމަދު ބާޤިރު ޛުލްޤަދުރު ޢައްޔަނުކޮށްފިއެވެ.
އީރާނުގެ ރިޔާސީ ގަނޑުވަރުން ވަނީ ޛުލްޤަދުރު އެ މަޤާމަށް ޢައްޔަނުކޮށްފައިވާ ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހަކީ، ޤައުމުގެ ސަލާމަތީ ކަންކަމާއި ޚާރިޖީ ސިޔާސަތު ވިލަރެސްކުރުމުގެ ޒިންމާ ޙަވާލުވެފައިވާ، ނުހަނު ބާރުގަދަ ފިކުރީ ތަނެކެވެ. ސަލާމަތީ ދާއިރާ، ޖާސޫސީ ދާއިރާ، އަދި ސަރުކާރުގެ ދެ ވަނަ ދަރަޖައިގެ ވެރިންގެ ތެރެއިން ހޮވިވަޑައިގެންފައިވާ ބޭފުޅުން ހިމެނޭ ގޮތަށް، ޤައުމުގެ ހުރިހާ ކަމެއްގެ މައްޗަށް ބަސްވިދާޅުވުމުގެ ބާރު ލިބިވަޑައިގެންފައިވާ ރޫޙީ ވެރިޔާގެ ޚާއްޞަ މަންދޫބުން ވެސް ތިއްބަވާ ގޮތަށް، ގިނަ ދާއިރާތަކެއްގެ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވާ ތަނެއްގެ ގޮތުގައި ޤާއިމުވެފައިވާ، ނުހަނު ހައިބަތު ބޮޑު ތަނެކެވެ.
ޛުލްޤަދުރަކީ، ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ ސަލާމަތީ ދާއިރާގެ ލީޑަރެކެވެ. ދާޚިލީ ވުޒާރާގެ ސަލާމަތާ ބެހޭ ނައިބުގެ މަޤާމާއި، ހަތިޔާރުއެޅި ފައުޖުގެ ތަފާތު ވެރިކަމުގެ މަޤާމުތައް ފުރުއްވި ޛުލްޤަދުރު ވަނީ، ކުށްކުރުން ހުއްޓުވުމާ ގުޅޭ ކަންކަމުގައި ޖުޑިޝަރީގެ ވެރިޔާއަށް ލަފާ ދެއްވާ މުޝީރެއްގެ ގޮތުގައި ވެސް ޚިދުމަތްކުރައްވައިފައެވެ. 2022 ވަނަ އަހަރުން ފެށިގެން، ޤާނޫނުހަދާ މަޖިލީހާއި ބެލެނިވެރި މަޖިލީހާ ދެމެދު ޚިޔާލުތަފާތުވުން ހިނގާ ހިނދު ޙައްލު ހޯދައިދިނުމުގެ ޒިންމާ ޙަވާލުވެފައިވާ ތަޚްސީސް ކައުންސިލްގެ ސެކެޓްރީގެ ގޮތުގައި ވެސް ޛުލްޤަދުރު ޚިދުމަތްކުރައްވަމުން ގެންދެވިއެވެ.





