ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ މިނިސްޓްރީން އާންމުކުރި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅުންހުރި 34 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 40 މައްސަލައެކެވެ.
މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 9 މައްސަލައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީއަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު:
- ޖިންސީ ހާނިއްކައިގެ 13 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ
- ނަފުސާނީ ހާނިއްކައިގެ 11 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ
- ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ
- ބަދުއަޚުލާގީ އަމަލު ހިންގާ ވީޑިއޯގެ 1 މައްސަލަ
- ބްލެކްމެއިލްކުރުމުގެ 1 މައްސަލަ
- ގަނާ ލިބުމުގެ 1 މައްސަލަ
- ގްރޫމް ކުރުމުގެ 1 މައްސަލަ
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެހީތެރިކަމަށް އެދި ގުޅާ ހެލްޕްލައިންތަކަށް މިދިޔަ މަހު ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ޖުމްލަ 1802 ކޯލު މިދިޔަ މަހު ލިބިފައިވެއެވެ.
މީގެ ތެރެއިން ޗައިލްޑް ހެލްޕްލައިން (1412) އަށް 1418 ކޯލު ލިބިފައިވެއެވެ. މި ކޯލުތަކުގެ ތެރޭގައި ކުޑަކުދިންގެ ފަރާތުން ލިބުނު 64 ކޯލާއި، ބޮޑެތިމީހުންގެ ފަރާތުން ލިބުނު 1143 ކޯލުގެ އިތުރުން، ކާކުކަން ނޭނގޭ ގޮތަށް ގުޅާފައިވާ 211 ކޯލު ހިމެނެއެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން (1421) އަށް ޖުމްލަ 384 ކޯލު ލިބިފައިވާ ކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.





