ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، ތިން ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ބޭފުޅުންނަކީ:
- ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ)
- އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވުމުން، މިހާރު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހަށް އެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ހޯމް މިނިސްޓްރީން ވަނީ މިއަދުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔާ ކުރެއްވި މިއީ ދެވަނަ ފަހަރެވެ. މީގެކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަގާމުން ރިޓަޔާ ކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ބުނާގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވާނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާގެ މަތިންނެވެ.





