ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ މާލޭގައި ބޭއްވި ’ޗަގޯސް ޖަލްސާ‘ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ވާހަކައެއް ވެސް ރައީސަކު ވިދާޅުވުމުން އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން ”އަނެއް ދިވެހިރާއްޖެ“ ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.
ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖެ ހަލާކުކުރީ ރާއްޖޭގެ ވެރިން ކަމަށާއި، ޝަރުއީ ނިޒާމު މިއަދު އޮތް ދަށު ދަރަޖައަށް ވައްޓާލީ ޚުދު އެ ނިޒާމުގެ އިސްވެރިން ކަމަށެވެ. ”މިހާ ހިސާބަށް ދިޔައީމާ އަޅުގަނޑު ވެސް މި ބުނަނީ ހަމަ އަނެއްކާވެސް އަނެއް ދިވެހިރާއްޖެ ހޯދަން ވެއްޖެއޭ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން ”ނޫނެކޭ“ ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބާރުތައް ރައްޔިތުން ސަރުކާރަށް ދިން ނަމަވެސް، މިއަދާ ހަމައަށް ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނުވަތަ މޮޅެއް ނެތެވެ.
އެހެންކަމުން، ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކޮންމެ ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވެސް އެމަނިކުފާނުގެ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ. ”ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އެބައޮތް،“ ޕީއެންސީއަށް ކައުންސިލްތަކުގެ ބާރު ދިނުމުގެ އެއްވެސް ބޭނުމެއް ނެތްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ފާޅުގައި ނުކުމެވަޑައިގެން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރު ކެންޑިޑޭޓުން ބަލިކުރުމަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.






ޔާމީނަކީ އަހަރެން ވަރަށް ސަޕޯޓްކުރާ ބޭކަލެއް އެހެނެއް ކަމަކު ޙަޤީޤަތަށް ބުނާނަން ޔާމީނު މިހާރު އެވަނީ ޒާތީ ޔާމީނު ވެސް އެބަޖެހޭ ކުރިމަގަށް ވިސްނާން