ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ޔަހޫދީ އިސްތިޢުމާރީ ސިފައިންގެ އަސްކަރީ މަޤާމުތަކަށް އަމާޒުކޮށް ރެކޯޑު ޢަދަދަކަށް ރޮކެޓާއި، މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކަކީ ފާއިތުވި ތަނުގައި ދެވުނު އެންމެ ވަރުގަދަ އަދި އެންމެ ގިނަ ޙަމަލާތައް ހިމެނޭ ސިލްސިލާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ޚަބަރު ލިބޭގޮތުގައި، ޙިޒްބުاللهގެ މުޖާހިދުން ވަނީ އެންމެ 90 މިނެޓުގެ ތެރޭގައި ޔަހޫދީންގެ މަޤާމުތަކަށް 100 އަށްވުރެ ގިނަ ރޮކެޓު ޙަމަލާ ފޮނުވާލާފައެވެ. ލުބުނާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނު ލުބުނާނުގެ ބައެއް އަވަށްތަކަށް ވަދެގަންނަން އުޅުނު ޔަހޫދީ ސިފައިންނާ ޙިޒްބުاللهގެ މުޖާހިދުން ވަނީ ސީދާކޮށް ކުރިމަތިލާފައެވެ. މި ކުރިމަތިލުންތަކުގައި ޔަހޫދީންގެ ރިކަވަރީ ޔުނިޓުތަކަށާއި، އަސްކަރީ ޓޭންކަރުތަކުގެ އިތުރުން ބުލްޑޯޒަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
މީގެ އިތުރުން، ޔަހޫދީން ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާއި ކޭމްޕުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައިވާއިރު، ޙިޒްބުاللهގެ މިސައިލް ޙަމަލާތަކުގެ ސަބަބުން ޔަހޫދީންގެ އަސްކަރީ ޖެޓެއް ފަހަތަށް ޖެހުމަށް މަޖުބޫރުކޮށްފައިވެއެވެ. އަދި ޔަހޫދީންގެ އަސްކަރީ ހެލިކޮޕްޓަރަކަށްވެސް ކާމިޔާބުކަމާއެކު ޙަމަލާ ދީފައިވާކަން އެ ޖަމާޢަތުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޙިޒްބުاللهއިން ދިން އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒުވެފައިވަނީ ތެލް އަވީވުގައި ހުންނަ ޔަހޫދީންގެ ހަނގުރާމައާ ބެހޭ ވުޒާރާގެ އޮފީހަށެވެ. އެ އޮފީހަށް އަމާޒުކޮށް ޕްރެސިޝަން މިސައިލް ޙަމަލާތަކެއް ދީފައިވާއިރު، އެ ސަހަރުގައި ހުންނަ ޔަހޫދީންގެ ”ޑޮލްފިން“ ޖާސޫސީ މަރުކަޒަށްވެސް ވަނީ ޙަމަލާދީފައެވެ. މި ޙަމަލާތަކުގައި ޔަހޫދީންނަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އެ ޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި ދުވަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޙިޒްބުاللهގެ މުޖާހިދުން ދަނީ ކޮންމެ ގަޑިއަކު މަދުވެގެން ދެ ޙަމަލާގެ ރޭޓުން ޔަހޫދީ އިސްތިޢުމާރީ ބާރުތަކަށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންނެވެ. މި ޙަމަލާތަކަކީ ޔަހޫދީން ލުބުނާނަށާއި ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކަށް ދެވޭ ރައްދެއްގެ ގޮތުގައި ޙިޒްބުاللهއިން ސިފަކުރެއެވެ.





