ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) ދެމެދު ސޮއިކޮށްފިއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އޮގަސްޓްމަހުގެތެރޭގައި ފެށޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ލޯކަލް ގަވަރނަންސް މިނިސްޓްރީން ދެއްވާ މައުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓްގެ ދަށުން 1 އަހަރުގެ ތެރޭގައި މި 55 ކައުންސިލް އިމާރާތްކޮށް ނިންމާނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ތެރޭގައި ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރާއި އިމާރާތްތަކުގެ ވަށާފާރުވެސް ހިމެނޭކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް، މި ބޮޑު މަޝްރޫޢަށް ކުރާނެ ހަރަދުގެ އަގެއް ސަރުކާރުން އަދި ހާމައެއްނުކުރެއެވެ.
މި 55 ރަށެއްގެ ކައުންސިލުގެ އައު އިމާރާތް އެޅުމަށް އާރުސީސީ އާ މިނިސްޓްރީން ހަވާލުކޮށްފައިމިވަނީ، މި މަސައްކަތް ކުރަން މީގެކުރިން ހަވާލުކުރި މެލޭޝިޔާގެ ހެކްސެޓް ގްލޯބަލް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރުމަށްފަހުގައެވެ. މިދިޔަ ޖެނުއަރީ މަހު ހެކްސްޓަ ގްލޯބަލް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެ އެއްބަސްވުން ބާތިލްކުރީ ފަސް މަސްދުވަސް ފަހުންނެވެ. އެ އެއްބަސްވުން ބާތިލްކުރަން ޖެހުނު ސަބަބެއްކަމަށް މިނިސްޓްރީން ބުނަނީ، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމެވެ.
މި މަޝްރޫއުގެ އިތުރަށް، ރާއްޖޭގެ އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފައެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއެކު މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފައެވެ.





