ހައްދުފަހަނައެޅި ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ މިނާބުގައި ހިންގަމުން އައި އަންހެން ކުދިންނަށް ޚާއްސަ ސްކޫލަކަށް ދިން ނިރުބަވެރި ޙަމަލާ ދިވެހިރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ޙަމަލާ ކުށްވެރިކުރީ، އދގެ އިންސާނީ ޙައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަނުގެ ތެރެއިން މި ހަފުތާގައި ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމެއްގައި އިއްވެވި ބަޔާނުގައެވެ. އީރާނުގެ ”ޝަޖަރެ ތައްޔިބެ“ ސްކޫލަށް ދިން މި ލާއިންސާނީ ޙަމަލާގައި 168 ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ޙަމަލާއެއްކަން ރާއްޖޭން ވަނީ ފާހަގަކޮށްފައެވެ.
ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މި ބައްދަލުވުމުގައި ވިދާޅުވީ، އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދޭން ފެށި މިފަދަ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި މިކަމާ މެދު ދިވެހިރާއްޖޭން ނުހަނު ކަންބޮޑުވާކަން އެކަމަނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ބަޔާނުގައި ޑރ. ސަލްމާ އިތުރަށް ވިދާޅުވީ، ޔަހޫދީ ދައުލަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އަމަލުކުރާ، ”ސްޓޭޓް ޓެރަރިޒަމަށް“ ހިތްވަރުދޭ ދައުލަތެއް ކަމަށެވެ. އަދި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް އެ ދައުލަތުން ކުރަމުންދާ މަސައްކަތްތައް އިތުރުވަނީ، އެ ދައުލަތާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ފިޔަވަޅު ނާޅާތީ ކަމަށާއި، އެކަމަށް ނިމުމެއް އަންނަންޖެހޭ ކަމަށްވެސް ރާއްޖޭން ބުންޏެވެ.
މީގެއިތުރުން، މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ލާއިންސާނީ ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ބައިނަލްއަޤުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވުމަށްވެސް ރާއްޖޭން ބާރުއެޅިއެވެ.
މި ބައްދަލުވުމަކީ އީރާނުގެ ހާލަތާ ގުޅިގެން އދގެ އިންސާނީ ޙައްގުތަކާ ބެހޭ މަޖިލީހުން މި ހަފުތާއަށް ތާވަލު ކުރި ދެވަނަ ކުއްލި ބަހުސްއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އުއްމަތުގެ ޙައްގުގައި ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.





