މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މީސްމީޑިއާ ބޭނުންކޮށްގެން މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމުގެ އިތުރުން ވިއްކުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުވާފަދަ ތަކެތި އުފެއްދުން ވެސް މިހާރު ވަނީ އިތުރުވެފައެވެ.
މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށާއި، އެ ގުޅުން ކެނޑުމުން އަނެކާގެ އަބުރު ނަގާލުމަށާއި ބިރުދެއްކުމަށް ނުވަތަ މާލީ މަންފާއެއް ހޯދުމަށް ކުރާ އަމަލުތަކެއްކަން ތަހުގީގުތަކުން އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއްކަން ފާހަގަކޮށް، މީގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ވިދާޅުވެފައެވެ.
ޚާއްސަކޮށް އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން އެއީ ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމަށްވެސް އެދިފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށާއި، އެފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމަށެވެ. އަދި ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.





