އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް ދިން ހަމަލާތަކަކާ ގުޅިގެން، އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ސަރަހައްދީ ސިނާޢީ ކުންފުނިތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މިއަދު ދީފިއެވެ.
އައިއާރްޖީސީން ވަނީ އެމެރިކާގެ ހިއްސާ އޮންނަ ސިނާޢީ ކުންފުނިތަކާއި އިސްރާއީލާ ގުޅިފައިވާ ބޮޑެތި ސިނާޢަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަގުތުން އެ ތަންތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ. އީރާނުގެ ތަސްނީމް ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޖަމާޢަތުގެ ހަނގުރާމަވެރިން މިހާރު ވެސް ގެންދަނީ އެފަދަ ތަންތަނަށް އަމާޒުކޮށް ބަދަލުހިފުމުގެ ހަމަލާތައް ދެމުންނެވެ.
މި އިންޒާރުގައިވާ ގޮތުން، އެފަދަ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގެ މާޙައުލުން ނުކުތުމަށާއި، އެ ތަންތަނުގެ ވަށައިގެންވާ އެއް ކިލޯމީޓަރުގެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ވެސް ހަމަލާތައް ނިމެންދެން އެ ސަރަޙައްދުން ދުރަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ނުރައްކާތެރި އިންޒާރު އައިސްފައި ވަނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އީރާނުގެ މަރުކަޒީ ސަރަޙައްދުގައިވާ ޚޮންދާބް ހެވީ ވޯޓާ ކޮމްޕްލެކްސް އަދި ޔަޒްދު ޕްރޮވިންސްގެ އަރްދަކާންގައި ހުންނަ ޔެލޯކޭކް (ޔުރޭނިއަމް ޕްރޮސެސްކުރާ) މަރުކަޒު ހިމެނެއެވެ.
މީގެ އިތުރުން، އިސްފަހާންގައި ހުންނަ މުބާރަކޭ ސްޓީލް ފެކްޓަރީއަށާއި ޚޫޒިސްތާން ސްޓީލް ފެކްޓަރީއަށް ދިން ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކު މަރުވެފައިވާ ކަމަށް ފާރްސް ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ނުހަނު ބޮޑަށް ގޯސްވެފައިވާއިރު، އައިއާރްޖީސީން ވަނީ އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުގެ ބޯޓުފަހަރު ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށް، އެ ސަރަޙައްދު ބަންދުކޮށްފައެވެ. އަދި އެ ކަނޑުއޮޅިން ދަތުރުކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، މިއަދު އެކަނިވެސް ތިން ބޯޓެއް އެ ސަރަޙައްދަށް ވަނުމަށް ވަނީ ހުރަސްއަޅާފައެވެ.
މި ހާދިސާތަކުގެ ސަބަބުން ސަރަޙައްދީ އިޤުތިޞާދީ މަރުކަޒުތަކަށާއި ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރަށް އޮތް ނުރައްކާ މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.





