ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ބަހުގެ ގޮތުން ގޮވާލަމުންދިޔަ ނަމަވެސް، އެ ގައުމުގެ އަމަލުތައް ހުރީ އެއާ ދިމާ އިދިކޮޅަށް ކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަރާގްޗީ މިފަދައިން ވިދާޅުވީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާންއާއެކު މިދިޔަ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ މަސްލަހަތާއި، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
މި ބައްދަލުވުމުގައި އަރާގްޗީ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ސިޔާސަތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. އެގޮތުން އެއްކޮޅުން މަޝްވަރާއަށް ގޮވާލަމުން، އަނެއްކޮޅުން ސަރަހައްދަށް އިތުރު އަސްކަރީ ސާމާނާއި ސިފައިން ފޮނުވައި ހަމަލާތައް ކުރިއަށް ގެންދިއުމަކީ އެމެރިކާގެ ބަހާއި އަމަލު ދިމާނުވާކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނަކީ މި ހަނގުރާމަ ފެށި ގައުމު ނޫންކަން ފާހަގަކުރައްވަމުން އަރާގްޗީ ވިދާޅުވީ، އީރާނުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމުގައި އެ ގައުމުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުންނާއި ސަރަހައްދީ ގައުމުތަކުން ގުޅިގެން، އެމެރިކާ އާއި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، އެ ދެ ގައުމު ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ އިސްވެއޮވެ ފެށި މި ހަނގުރާމައިގައި، އެމެރިކާ އާއި އިސްރާއީލުން ދަނީ އީރާނުގެ އަސްކަރީ އަދި މަދަނީ އެކި ތަންތަނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިންވެސް ދަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލުގެ ރަށްތަކަށާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ބޮޑުވަމުންދާތީ، އެމެރިކާއިން މިހާރު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލަމުންދިޔަ ނަމަވެސް، އީރާނުން އަންނަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް މިވަގުތު ދެކޮޅު ހަދަމުންނެވެ.





