އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމީ ކެރިއަރުގެ 100 ވަނަ ފިލްމު އުފެއްދުމަށް ތައްޔާރުވަމުންދާއިރު، އެ ފިލްމުގެ މުހިންމު ރޯލަކުން މަޅަޔާލަމް ސިނަމާގެ ސުޕަސްޓާ މޯހަންލާލް ފެންނާނެކަން އިއުލާނުކޮށްފިއެވެ.
މި އުފާވެރި ޚަބަރާ ގުޅިގެން މޯހަންލާލް ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، ބައެއް ކާމިޔާބީތަކަކީ ހަމައެކަނި އެކަކަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށާއި، އެއީ އެ ދަތުރުގައި ބައިވެރިވި އެންމެންގެ ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޕްރިޔާދަރުޝަންގެ 100 ވަނަ ފިލްމަށް ތައްޔާރުވަމުންދާއިރު، އެކަމުގެ ސަބަބުން ލިބޭ އުފާ ބަޔާންކޮށްދޭން ވެސް ނޭނގޭ ކަމަށް އުމުރުން 65 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
”ސަތޭކަ ފިލްމަކީ ހަމައެކަނި އަދަދެއް ނޫން. އެއީ މުޅި އުމުރު ދުވަހު ކުރި ބުރަ މަސައްކަތާއި، ސިނަމާއަށް ހުރި ލޯތްބާއި، ކެނޑިނޭޅި ކުރި ހިތްވަރުގެ ނަތީޖާ،“ މޯހަންލާލްގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޕްރިޔާދަރުޝަންގެ ފުރަތަމަ ފިލްމުން ފެށިގެން މިހާތަނަށް އައިއިރު، މިއީ އޭނާގެ ފިލްމީ ހަޔާތުގައި ވެސް ވަރަށް މުހިންމު ހިސާބެކެވެ.
މޯހަންލާލް އާއި ޕްރިޔާދަރުޝަންގެ ގުޅުމަކީ ފިލްމީ ދާއިރާގައި ނަމޫނާ ގުޅުމެކެވެ. ޕްރިޔާދަރުޝަން 1984 ވަނަ އަހަރު ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ”ޕޫޗައްކޮރޫ މޫއްކުތީ“ ގެ މައިގަނޑު އެކްޓަރަކީ ވެސް މޯހަންލާލް އެވެ. އޭގެ ފަހުން ވެސް މި ދެ ފަންނާނުން ވަނީ ގިނަ ފިލްމުތަކެއްގައި އެކީގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ކްރައިމް ތުރިލާ ”އޮއްޕަމް“ ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރާ އެކު ޕްރިޔާދަރުޝަން މިހާރު އުފައްދާ ފިލްމު ”ހައިވާން“ އަކީ ”އޮއްޕަމް“ ގެ ހިންދީ ރިމޭކްއެކެވެ.
މޯހަންލާލްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ”ދްރިޝްޔަމް“ ގެ ތިންވަނަ ބައެވެ. މި ފިލްމު އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.





