ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގެންނެވި ބަލެންދްރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ސިޓީފުޅުގައި، ނޭޕާލުގެ އިސްލާހީ މަސައްކަތްތަކުގައި އެޤައުމުގެ ޒުވާނުން އަދާކުރި މުހިންމު ދައުރާއި، އާއްމު އިންތިޚާބުގައި ޝާހު ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ނޭޕާލުގެ ޑިމޮކްރަޓިކް ޙަޔާތުގައި ފާހަގަކުރެވޭނެ ބޮޑު ބަދަލެއް ކަމަށާއި، މި ދައުރަކީ އެޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ދައުރަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސަރަޙައްދީ ޤައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅުންހުރި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް ބޭނުންފުޅުވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ނޭޕާލުގެ އައު ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި، އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
ނޭޕާލުގެ ވެރިރަށް ކަޓްމަންޑޫގެ މޭޔަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ، އުމުރުން އެންމެ 35 އަހަރުގެ ބަލެންދްރަ ޝާހަކީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. އޭނާ މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ އެޤައުމުގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.





