ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރަށުގެ އާބާދީއަށް ބެލުމެއް ނެތި ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރި ޚިދުމަތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ސިޔާސަތުތައް ތަންފީޒުކުރަމުންދަނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އަދި މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާ މުޅިން އައު މިސްރާބަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ މިސާލު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރަށްރަށުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް 10 ރަށެއްގައި އަލަށް ޑައިލިސިސް ޚިދުމަތް ޤާއިމްކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް މި ޚިދުމަތް ފުޅާކުރާނެ ކަމަށް ވިދާޅުވިއެވެ.
”ކަނޑު ދަތުރުކޮށްފައި ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި، ރައްޔިތުން ބޭނުންވަނީ ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ ގޮތްވުން. މިހާރު ބޮޑެތި އާބާދީތަކުގައި މި ޚިދުމަތް ލިބެން ހުރުމާއެކު މެދުފަންތީގެ އާބާދީތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ޚާއްސަކޮށް މި ޒާތުގެ ބަލިތައް އިތުރުނަމަ މިތަންތަނަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނީ،“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 16 ރަށެއްގައި އެ ޚިދުމަތް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކައުންސިލްތަކަކީ ޚިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަޅު ކަމަށާއި، އެހެންކަމުން ލޯކަލް ގަވަނެންސް އޭގެ އަސްލު ގޮތުގައި ތަންފީޒުކުރާނެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުންތަކަށްޓަކައި ޤައުމުގެ މުސްތަޤުބަލަށް ހުރަސްއެޅޭ ފަދަ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށާއި، ކޮންމެ ސިޔާސީ މަސައްކަތެއްވެސް ކުރަންވާނީ ޤައުމީ ވިސްނުމެއްގައި ކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.






ކިޔާ ނިމުނު އިރުގަވެސް އަލައް ތައާރަފް ކުރި ހިދުމަތެއް ނޭގުނު!ބުނެލަދީބަލަ