ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަޅައިފިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގގެ އެމްޑީ ޙަސަން ޝާމް އާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އެފް.ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އިބްރާހިމް ވަޙީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެފް.ޑަބްލިއު ކޮންސްޓްރަކްޝަން އަކީ ރާއްޖޭގައި ފުޅާދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ’އެންމެންނަށް ބޯހިޔާވަހިކަން‘ ސިޔާސަތަށް މިދަނީ ހަލުވި ދުވެއްޔެއްގައި އަމަލީ ސިފަ އަންނަމުން ކަމަށެވެ.
”ޤައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތއަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި، ޤައުމުގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ޤައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު،“ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ބީއެމްއެލް އަކީ ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ޚިދުމަތްދޭ ބޭންކަށްވާއިރު، މިފަދަ މަޝްރޫޢެއްގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން އުފުލަންޖެހިފައިވާ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން އިޤްތިސާދީ ދުވެލި ހަލުވިވެ، އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބި، އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ’އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ‘ (އައިއެންއޭއެއްޗް) ގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ’ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ‘ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެ ކުންފުނިން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ޤާއިމުކުރުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ފެންވަރު ރަނގަޅު 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ބީއެމްއެލްއިން ލަފާކުރާ ގޮތުގައި މި ހުރިހާ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.
މި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެއީ ވިލިމާލޭގައި 300 ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2,700 ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1,224 ޔުނިޓާއި ވިލިމާލޭގައި 300 ޔުނިޓްގެ ބިންގާ އަޅާފައެވެ.
ބީއެމްއެލްގެ މި ބޮޑު މަޝްރޫޢުގެ ދަށުން ޔުނިޓްތައް އިމާރާތްކުރަނީ މި ދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ތަޖުރިބާކާރު ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ސީއެމްއީސީ، ޗައިނާގެ ބީޔޫސީޖީގެ އިތުރުން ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރުސީސީ ހިމެނެއެވެ.





