އިސްރާއީލުގެ ދެކުނުގައި ހުންނަ ބީރްޝެވާ ސިޓީ ކައިރީގައި ހިމެނޭ ސިނާއީ ސަރަހައްދެއްގައި ހުންނަ ކެމިކަލް ކާރުހާނާއަކަށް އީރާނުން ސީދާ މިސައިލް ހަމަލާ ދީ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ހަމަލާ އަމާޒުވެފައި ވަނީ ނެގެވް ސަރަހައްދުގެ ބެރްޝެބާ ކައިރީގައި ހިމެނޭ ރަމަތު ހޯވާވް އިންޑަސްޓްރިއަލް ޕާކުގައި ހުންނަ ”އަޑާމާ“ ކުންފުނީގެ ”މަޚްތޭޝިމް ޕްލާންޓް“އަށެވެ. ޗައިނާގެ ސިންޖެންޓާ ގްރޫޕްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމަށްވާ ”އަޑާމާ“ އިން ވަނީ، ތަނަށް ލިބުނު ގެއްލުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ، ހަމަލާ ދިނީ އީރާނުގެ މިސައިލެއް ނުވަތަ އެ މިސައިލެއްގެ ބައިތަކުން ކަމަށް ކަށަވަރުކޮށްދީފައެވެ.
ހަމަލާ ދިން ވަގުތު ތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ރިޕޯޓްތައް ފާހަގަ ކުރެއެވެ. ނަމަވެސް، ހަމަލާގައި ގެއްލުން ލިބުނު ކަމަށް ރިޕޯޓްވި ވަކި ފަރާތެއް ނެތް ކަމަށާއި، ތަނަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ވަޒަންކުރެވިފައި ނުވާ ކަމަށް ”އަޑާމާ“ ކުންފުނިން ވަނީ ބުނެފައެވެ.
ރަމަތު ހޯވާވް އިންޑަސްޓްރިއަލް ޕާކަކީ ގިނަ ކެމިކަލް ކާރުހާނާތަކެއް ހިމެނޭ ބޮޑު ސިނާއީ ކޮމްޕްލެކްސްއެކެވެ. ހަމަލާ ދިން ސަރަހައްދުގައި ނުރައްކާތެރި ކެމިކަލްތައް ލީކުވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް، އިސްރާއީލުގެ ޗެނަލް 14 ހީބްރޫ ވަނީ ރިޕޯޓްކޮށްފައެވެ.
ހަމަލާ ދިން ސަރަހައްދު ވަށައިގެން ބަންދުކޮށް، ތަނުން ހުރިހާ ފަރާތްތަކެއް ހުސްކޮށްފައިވާ ކަމަށް، އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީ ވަނީ ހާމަ ކޮށްފައެވެ. ހަމައެއާ އެކު، ތަނުން ކެމިކަލް ލީކުވި ނަމަ، ލީކުވި ކެމިކަލްގެ ނުރައްކަލުގެ ދަރަޖަ ވަޒަންކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.





