އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މުހިންމު މެޗުގެ ޓިކެޓު މިއަދު ވިއްކަން ފަށައިފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އޮންނާނީ ކުރިއަށް އޮތް އަންގާރަ ދުވަހުގެ ހަވީރެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތު ދޭ ގޮތުގައި، މި މެޗުގެ ޓިކެޓު ވިއްކަމުންދަނީ ހަމައެކަނި ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރުތަކުންނެވެ. ޓިކެޓުގެ އަގުތަކަށް ބަލާއިރު، ސިޑިބަރީގެ ޓިކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ގޮނޑިބަރިން ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ. އެފްއޭއެމުން ބުނީ މިރޭ 23:00 އާ ހަމައަށް ޓިކެޓު ވިއްކުން ކުރިއަށްދާނެ ކަމަށާއި، މާދަމާ ހެނދުނު 10:00 އިން ފެށިގެން އަލުން ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުންވެސް އަންނަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ. ރާއްޖޭގެ ގައުމީ ޓީމުން ބުނެފައިވަނީ ކުޅުންތެރިން ތިބީ މެޗަށް ވަރަށް ބޮޑަށް ފިޓްކޮށް ކަމަށެވެ. ނަމަވެސް، ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ، ވާތު އަރިމަތިން ކުޅޭ ހަމްޒާ ރަޝީދު (ހަމްޕް) އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި މެޗުގައި އޭނާ ނުފެންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފަހު މެޗަށް ނުކުންނައިރު، ރާއްޖޭގެ ސްކޮޑުގައި ބައިނަލްއަގްވާމީ ތަޖުރިބާލިބިފައިވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ވަހީދު (އިއްބެ) ފަދަ ވަރުގަދަ ކުޅުންތެރިން ހިމެނެއެވެ.
މެޗުގެ ކުރިން މާފަންނު ޓާފްގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓިމޯ ލެސްޓޭގެ ކޯޗު ބުނީ، ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ލިބޭނެ ހޫނު ތަރުހީބުގެ ސަބަބުން މި މެޗު އުނދަގޫވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުޅުނު ޓިމޯ ލެސްޓޭގެ ހޯމް މެޗު ކާމިޔާބުކޮށްފައިވަނީ އެ ގައުމުންނެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅޭ މި މެޗަކީ ރާއްޖެއަށް ބަދަލުހިފުމުގެ ފުރުސަތެއްގެ ގޮތުގައިވެސް ބެލެވެއެވެ.





