ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު ”ބޫތު ބަންގްލާ“ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚަށް އަނެއްކާވެސް ބަދަލު ގެނެސް، ފިލްމު ރިލީޒްކުރުން ފަސްކޮށްފިއެވެ.
މި ފިލްމު އެންމެ ފުރަތަމަ އިއުލާނުކުރިއިރު ބުނެފައިވަނީ މި އަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނާނެ ކަމަށެވެ. ނަމަވެސް، ފަހުން ފިލްމު ރިލީޒްކުރުން އަވަސްކޮށް، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ.
އެހެންނަމަވެސް ފަހުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޑައިރެކްޓަރު އަދިތިޔަ ދާރްގެ ފިލްމު ”ދުރަންދަރު 2“ އަށް ލިބެމުން އަންނަ ބޮޑު މަގުބޫލުކަމާ ގުޅިގެން، އަކްޝޭގެ ”ބޫތު ބަންގްލާ“ ރިލީޒްކުރުން މިހާރު ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ޖިއޯ ސްޓޫޑިއޯސްގެ ހެޑް އޮފް ޑިސްޓްރިބިއުޝަން ދީޕަކް ޝަރުމާއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، ”ދުރަންދަރު 2“ ގެ ހަތަރުވަނަ ހަފުތާގައި އެ ފިލްމުގެ 10,000 ޝޯ އެކި މަލްޓިޕްލެކްސްތަކުގައި ދައްކަން ޑިސްޓްރިބިއުޓަރުންނާ މާކުރިން މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ހަފުތާގައި ރިލީޒްކުރާ އިތުރު އެއްވެސް ފިލްމެއްގެ ޓިކެޓް އޯޑިއަންސްއިން ނުގަންނާނެ ކަމަށް ބަލައި، އަކްޝޭގެ ފިލްމު ފަސްކުރަން ނިންމީއެވެ.
މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި، ”ދުރަންދަރު 2“ ގެ ބޮޑު ކާމިޔާބީގެ ހިޔަނި މިދުވަސްވަރު ރިލީޒްކުރާ އެހެން ފިލްމުތަކަށް އެޅުމަކީ އެއްވެސް ޕްރޮޑިއުސަރަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ”ބޫތު ބަންގްލާ“ ރިލީޒްކުރާ ތާރީޚު މި ބަދަލުކުރީ، އެ ފިލްމަށް ވިޔަފާރީގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ނިންމުމަށްފަހު އެންމެ ފަހު ވަގުތުގައެވެ.
”ބޫތު ބަންގްލާ“ އަކީ އަކްޝޭ ކުމާރާއެކު މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ޕްރިޔާދަރުޝަން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ދެ ފަންނާނުން އެންމެ ފަހުން އެކީގައި މަސައްކަތްކޮށްފައިވަނީ 2012 ވަނަ އަހަރު ނެރުނު މަޝްހޫރު ކޮމެޑީ ފިލްމު ”ބާގަމް ބާގް“ ގައެވެ.





