އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުގައި ޕީއެންސީއަށް ލިބޭނީ ކިތައް އިންސައްތަ ގޮނޑި ކަމެއް މިވަގުތު ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެ ޕާޓީގެ ކެންޑިޑޭޓުން ހޮވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އިންތިހާބުގައި ލިބޭނެ ނަތީޖާ ޕާޓީގެ ފަރާތުން ކޮންމެ ދުވަހަކު ވެސް އަންނަނީ ވަޒަންކުރަމުންނެވެ. އަދި މިފަދަ ރަނގަޅު ނަތީޖާއެއް ލަފާކުރެވެނީ، އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ފަރާތުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު. ވޯޓު ދެއްވާއިރު ރައްޔިތުން އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ގަބޫލުކުރަން،“ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުން ކައުންސިލްތަކަށް ހޮވުމަކީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ފަރާތުންނެވެ. އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން އަންނަނީ މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.





