މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތަފާތު ތިން ރަށަކަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ.
ފުލުހުން ދިން މައުލޫމާތަށް ބަލާއިރު، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގޭ، އަޒުހީމް ސަޢީދު (36އ)، ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އަދި ސ. ހިތަދޫ، ކުޅިބަލާގޭ، މުޙައްމަދު ޖުނައިދު (47އ) އެވެ.
މީގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން މީހެއްގެ އަތުން 3,500 ރުފިޔާ އަތުލި މައްސަލައެއްގައެވެ. މި މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ކޯޓުން ވަނީ އަންނަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ.
ޢަލީ ޝަފާޒު ހައްޔަރުކޮށްފައިވަނީ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކު އޮޅުވާލައިގެން 4,500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މި މަހުގެ 27 ވަނަ ދުވަހު އޭނާ ހައްޔަރުކުރިއިރު، އަންނަ މަހުގެ 12 އާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކަމަށްވާ މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައިވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހަކަށް އޮޅުވާލައިގެން 29,987 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުގައާއި ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.





