ވޭތުވެދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގައި އިދިކޮޅު އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް މިރޭ މާލޭގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި މި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ އުފާފާޅުކުރުމުގެ ހަރަކާތް އޮންނާނީ މިރޭ 8:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ލީޑަރޝިޕާއި، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުތަކުގައި އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. މި އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ރާއްޖޭގެ ފަސް ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީގެ މެންބަރުން ދިފާއުކުރެއްވުމެވެ.
މި އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ، މިއީ ސަރުކާރު ހިންގާ ޕީއެންސީން އެމްޑީޕީއަށް ”ކުޅިދައްކާލުމަށް“ ކުރި މަސައްކަތް ފެއިލްކޮށްލުމަށްފަހު ހޯދި ވަރަށް ވަރުގަދަ މެސެޖެއް ކަމަށެވެ.
މިރޭ މާލޭގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އިއްޔެ ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ ވެހިކަލް ބުރުތަކާއި އެކި ހަރަކާތްތަކާއެކު މި ކާމިޔާބީ ފާހަގަކޮށްފައެވެ. އެމްޑީޕީން ދެކޭ ގޮތުގައި މި ނަތީޖާއަކީ ރައްޔިތުންގެ މެދުގައި އެ ޕާޓީއަށް އޮތް ތާއީދު އަދިވެސް ވަރުގަދަކަން ހާމަކޮށްދޭ ހެއްކެކެވެ.





