ސަރުކާރުން އަލަށް ތަޢާރަފުކުރި ”މާލެ ޓެކްސީ ލައިން“ ގެ ޚިދުމަތަށް ބޭނުންވާ މޮބައިލް އެޕްލިކޭޝަންގެ މަސައްކަތް އެއްކޮށް ނުނިމޭތީ، އެ ޚިދުމަތުން އަދިވެސް ފީއެއް ނުނަގާ ގޮތަށް އެމްޓީސީސީން ނިންމައިފިއެވެ.
މި މަހުގެ ދެވަނަ ދުވަހު މި ޚިދުމަތް ފެށީ ވެބް އެޕެއް މެދުވެރިކޮށް ދަތުރުތަކަށް އެދެވޭ ގޮތަށެވެ. ނަމަވެސް، އެޕްލިކޭޝަންގެ ސެކިއުރިޓީއާ ގުޅޭ ބައެއް މައްސަލަތައް ފާހަގަވުމާ ގުޅިގެން އެޕް ޑައުންކޮށް، ޚިދުމަތް ހިލޭ ދޭން ފެށިއެވެ. އޭރު އެމްޓީސީސީން ބުނެފައިވަނީ ޓެކްސީގެ ޚިދުމަތް ހަފުތާއަކަށް ހިލޭ ދޭނެ ކަމަށެވެ. އެހެންނަމަވެސް، އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:00 އަށް ހަމަވި އިރުވެސް، އަދިވެސް ޚިދުމަތް ދެމުންދަނީ އެއްވެސް އަގަކާ ނުލައެވެ.
މިހާރު ޓެކްސީގެ ޚިދުމަތް ހޯދުމަށް ބޭނުންކުރަން ޖެހެނީ ހޮޓްލައިން ނަންބަރު 1655 އެވެ. މަގުމަތިން ޓެކްސީ ހުއްޓުވައިގެން މި ޚިދުމަތެއް ނުލިބެއެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތް ހޯދުމަށް ދުވާލަކު ގާތްގަނޑަކަށް 58،000 ކޯލު ލިބެމުންދެއެވެ. މިހާ ގިނަ ބަޔަކު ގުޅަނީ ޚިދުމަތް ހިލޭ ފޯރުކޮށްދޭތީ ކަމަށް ބެލެވެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ ހުރިހާ ދަތުރުފަތުރުގެ ޚިދުމަތްތައް (އާރުޓީއެލް ފެރީ، ބަސް، އަދި ލަކުޑި ފެރީ) އެއް އެޕްލިކޭޝަނަކުން ލިބޭނެ ”ޓޯޓަލް ސޮލިއުޝަން“ އެއް ތައްޔާރުކުރުމަށެވެ.
މި މަޝްރޫޢަށް ޖުމްލަ 13 މިލިއަން ރުފިޔާ ޚަރަދުވާ އިރު، ސައުދީ ވިދާޅުވީ އެއީ ހަމައެކަނި ޓެކްސީ އެޕަށް ކުރާ ޚަރަދެއް ނޫން ކަމަށެވެ. ”ޓެކްސީ އެޕަށް ޚަރަދުވަނީ ދެ މިލިއަން. ބާކީ ބަޔަކީ ސޮފްޓްވެއާ އާއި ހާޑްވެއާ ހިމެނޭހެން މުޅި ސިސްޓަމް ސެންޓްރަލައިޒް ކުރުމުގެ އަގު،“ އޭނާ ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ހެދުމަށް ހަވާލުކުރި ’ފިކްސްޑް މޯލްޑިވްސް‘ އަކީ ތަޖުރިބާ ނެތް ކުންފުންޏެއް ކަމަށާއި، މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ސައުދީ ވަނީ ދޮގުކުރައްވާފައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅުއްވާފައެވެ.





