މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ޚިޔާލު ހުށަނޭޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިއްޔެ ނިންމައިފިއެވެ. އެ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާނެ ބިލެއް ކަމަށް ބުނެ، ބިލު ބޭރުކުރުމަށް ގޮވާލާފައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އެވެ. މި ބިލު ބޭރުކުރަން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މީޑިއާ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ގޮވާލާފައެވެ.
އެމްއެމްސީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ބިލާމެދު އެ ކައުންސިލުގެ ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ކައުންސިލުގެ މެންބަރުންގެ ދެކޭ ގޮތުގައި، ބިލު ފަރުމާކޮށްފައި އޮތީ ގާނޫނުން ނޫސްވެރިންނަށް ލިބިފައިވާ ހައްގާއި އެއާ ގުޅިފައިވާ އެހެެން ހައްގުތައް ވަރަށް ހަނިކޮށް ކަމަށެވެ. އަދި، އެ އިރެއްގައި އޮންނަ ސަރުކާރަކާއި މަޖިލީހަށް މީޑިއާގެ ކޮންޓްރޯލް ދާގޮތަށް ބިލު އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްއެމްސީން ފާހަގަކޮށްފައިވެއެވެ.
ބިލު ފަރުމާކޮށްފައި އޮތީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމުގެ ހައްގުތައް މަސްހުނިވެފައިވާ ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު، އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.
އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. މީގެ އިތުރުން، ބިލު ފަރުމާކޮށްފައި އޮތީ މައްސަލައަކާ ގުޅިގެން އެއްކޮށް މައްސަލަ ނުނިމެނީސް މީޑިއާތައް އެއްކޮށް ހުއްޓުވާލުމުގެ ބާރު ވެސް ގާނޫނުން އުފައްދާ ކޮމިޝަނަށް ލިބޭ ގޮތަށެވެ.
މި ބިލު ބޭރުކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ގޮވާލާފައެވެ.





