މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަޤާމަށް މިއަދު ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަލަށް ޢަމަލުކުރަން ފެށި ޤާނޫނުގެ ދަށުން އެކުލަވާލެވޭ މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުން ހިމެނޭނެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުން ހިމެނެއެވެ.
މަގާމުގެ ޝަރުތުތައް:
– ދިވެހި ރައްޔިތަކަށްވުން
– އުމުރުން 30 އަހަރު ވެފައިވުން
– ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން
– މީޑިއާގެ މަސްއޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކުކަމުގައި ނުވުން
– ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
– ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
– އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
– މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
– ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
– ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
– ކޮމިއުނިކޭޝަން މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން
މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިޤްރާރު، ކުށާއި ދަރަނީގެ ރެކޯޑު ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. މި ލިޔެކިޔުންތައް އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އިޢުލާނުގައި އަންގާފައިވެއެވެ.
މި ކޮމިޝަނަކީ ރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ ދާއިރާ ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މ މަސްއޫލިއްޔަތު އަދާކުރާނެ މުހިންމު މުއައްސަސާއެކެވެ. އެހެންކަމުން، މި މަޤާމުތަކަށް ޤާބިލު އަދި ތަޖުރިބާކާރު ފަރާތްތަކެއް ހޮވުމަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.





