ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރެއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން“ ބިލަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި، އެ ގާނޫނަށް ތަބާނުވާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީޑިއާ ބިލު ތަސްދީގު ކުރެއްވުމާއެކު، މި ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ.
އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިލު ތަސްދީގު ކުރެއްވުމުން އެކަމާ ހިތާމަކުރާ ކަމަށާއި، މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ބޮޑު ހަމަލާއެއް ކަމަށެވެ.
މިއީ ނޫސްވެރިންނަށް ބިރުދައްކައި ސެލްފް ސެންސަޝިޕަކަށް ދިޔުމަށް މަޖުބޫރު ކުރުމަށް ތަސްދީގު ކުރެއްވި ގާނޫނެއް ކަމަށާއި، ނަމަވެސް ބިރު ނުދެއްކޭނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ މި ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި، ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެ ގާނޫނަށް ތަބާނުވާނެ ކަމަށް ވަނީ ބުނެފައެވެ.





