ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާންތައް ހުށަހަޅާފައި ނުވާތީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނި ޖޫރިމަނާކުރަން ނިންމީ މިދިޔަ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ގަވާއިދާ އެއްގޮތަށް ހުށަހަޅާފައި ނުވާތީއެވެ.
އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ވެފައި، ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނި ކަމަށްވުމާއެކު، ކުންފުނީގެ މާލީ ހިސާބުތަކަކީ ހިއްސާދާރުންނަށް ފެންނާނެހެން ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި އާންމުކުރަންޖެހޭ މައުލޫމާތުތަކެކެވެ. ނަމަވެސް މި މައުލޫމާތުތައް ހިއްސާކުރުމުގައި އިހުމާލުވުމުން ސީއެމްޑީއޭއިން ވަނީ ފިޔަވަޅު އަޅާފައެވެ.
މިއީ މި އަހަރުގެ ތެރޭގައި އެމްޓީސީސީ ޖޫރިމަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެ ކުންފުނި ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ. އެ ފަހަރު އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކުރީ ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައެވެ.
މިފަދަ ޖޫރިމަނާތަކާ ގުޅިގެން ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އާންމު ހިއްސާދާރުން އަންނަނީ ގޮވާލަމުންނެވެ.




