އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީން ރޭ ގެނެސްދިން ”ބާރުހަތަރެއް“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ހާލަތެއްގައި، އެ މަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުންނެވެ.
”ދެން ރައީސް ސޯލިހުވެސް ކުރިމަތިލައްވަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑަކަށެއް ކުރިމަތިލައްވާންވީ ކޮންމެހެން ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ މަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމަށް އެދޭ ގިނަ އަދަދެއްގެ ބަޔަކު ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ސާބިތުވެ ހުންނަވާނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވައިގެން، އޭނާ ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ.
”ކޮންމެ ބޭފުޅަކު ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދުކޮށްގެން،“ ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ޕްރައިމަރީ ފައްޔާޒަށް ކާމިޔާބު ނުކުރެއްވިއްޖެ ހާލަތެއްގައި ވެސް، ޕާޓީގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ހާލަތުގައި ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެންޑިޑޭޓެއްގެ ފަހަތަށް އަރައިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
”އަޅުގަނޑު އެ ކެންޑިޑޭޓަކާ އެކީ ގޮސް، އެމްޑީޕީއަށް ސަރުކާރު ހޯދައި ދެވެންދެން އަޅުގަނޑު މި މަސައްކަތް ކުރާނަން،“ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.






ނަޝީދު އަކީ ނުލަފާ ސޮރެއް.
މަޖްލިސް ރައީސްކަމަށް އަރަންް ކުޅުނު ޑްރާމާ އަި ހަދާން ނުނެތޭ.
ނަމަ ނަމަ ފޫވަށްރޫޅާ އަންނިސޮރަށް ޕްރައިމަރީ ދޫނުކުރަންވާތި އިބޫއަށް ޕްރައިމަރީ ކާމިޔާބުވާނެ. އިންޝާﷲ