ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީ މިސްކިތްމަގު، ކިނާރާ އުމުރުން 57 އަހަރުގެ ޢަބްދުﷲ މުޙައްމަދު އެވެ.
ފުލުހުން ބުނި ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމެވެ.
ޢަބްދުﷲ މުޙައްމަދު މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްފަހު ވަނީ 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





