މި އަހަރު ނިމެންވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދު ހުންނާނީ އެ ކުންފުނިތަކަށް ހަގީގަތުގައިވެސް ބޭނުންވާ މިންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރު ކުންފުނިތަކުގައި 18،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރު ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރާ އަޅާބަލާއިރު މިހާރުވެސް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރެވިފައިވާ ކަމަށެވެ.
”ދެން އަޅުގަނޑުމެން މިހާރު މި ދެންނެވި މަސައްކަތް ކުރަމުންދާ ދިޔުމުގަ މީ އަޅުގަނޑުމެންނާ ހަވާލުވިއިރަށްވުރެ މުވައްޒަފުންގެ އަދަދު މިހާރުވެސް މަދުވެފަ ހުންނާނީ، އިނގޭތޯ. އެހެންވީމާ މި މަސައްކަތް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރުގަ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ ކުންފުނިތަކައް ބޭނުންވާ ވަރަށް،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރު ކުންފުނިތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުންފުނިތަކަށް ބޭކާރު ގޮތުގައި ނަގާފައި ތިބި މުވައްޒަފުން ވަކިކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަވާނީ ވަރަށް ޒިންމާދާރުކަމާއެކު، މުވައްޒަފުންނަށް ދަތިނުވާނެ ގޮތްތައް ރާވައިގެން ކަމަށް ވިދާޅުވިއެވެ.
މިގޮތުން، ކުންފުނިތަކުން މުވައްޒަފުން ދޫކުރާއިރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފަހިކޮށްދީ، އެގޮތަށް ވަކިވާ ފަރާތްތަކަށް ޚާއްސަ ރިޓަޔާމެންޓް ޕެކޭޖެއް ހަމަޖައްސައިދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ލޯނު ލިބޭނެ މަގުވެސް ސަރުކާރުން ފަހިކޮށްދީފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.





