ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނާ މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، އުމުރުން 46 އަހަރުގެ އާމިނަތު ޢަލީދީދީ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އާމިނަތު ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ ހެއްކެއްގެ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވަނީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އާމިނަތު ވަނީ އޭނާއަކީ ނަފްސާނީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހެއް ކަމަށް ބުނެފައެވެ. ނަމަވެސް، ކޯޓުން ބުނެފައި ވަނީ އޭނާގެ އެ ވާހަކަތަކަށް ބާރުދޭ އެއްވެސް ލިޔެކިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





