އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް، ”ގައުމީ ބޮޑު އެއްވުން“ގެ ނަމުގައި އެއްވުމެއް މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ. މި އެއްވުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމްގަ އެވެ.
އެ އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނިގޮތުގައި، އެއްވުން ފަށާނީ މާދަމާ ހަވީރު 4:30ގަ އެވެ. އެއްވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހަވީރު 4:00 އަށް އެ ސަރަހައްދަށް ޖަމާވުމަށް އެ ކޮމިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފަލަސްތީނަށްޓަކައި ބާއްވާ މި އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން ވަނީ ހާއްސަ އިލްތިމާސެއް ކޮށްފަ އެވެ. އަދި އެ ކޮމިޓީން ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ހުރިހާ ބައިވެރިން ވެސް ކަމޭހިތައި، އެއްވުމަށް ބޭނުން ކުރާނެ ސާމާނު ވެސް ކޮމިޓީން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެއްވުމުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބޭރުގެ އެއްވެސް ޑިޕްލޮމެޓުންނަށް އުނދަގޫވާނެ ކަމެއް ނޫނީ އަނިޔާއެއްވެދާނެ ކަމެއް ނުކުރުމަށް ވެސް ކޮމިޓީން ވަނީ ހަނދާންކޮށްފަ އެވެ. މީގެ އިތުރުން އެއްވުން އޮންނަ ސަރަހައްދުގައި އަލިފާން ފަދަ ތަކެތި ބޭނުން ނުކުރުމަށާއި، އެމްބިއުލާންސް ފަދަ އުޅަނދުތަކަށް އުނދަގޫ ނުވާނެ ގޮތަށް ސައިކަލް ޕާކްކުރަން ވެސް އެދިފައިވެ އެވެ. މި އެއްވުން އިންތިޒާމްކޮށްފައިވަނީ އަންހެންނާއި ފިރިހެނުން ވަކިން ތިބޭ ގޮތަށެވެ.
ރާއްޖޭގައި މިފަދަ ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި މިވަނީ، އިޒްރޭލުގެ އިސްތިއުމާރު މުޅި ޣައްޒާއަށް ފުޅާކުރުމާ ދެކޮޅަށް، ގައުމީ ފެންވަރުގައި މާދަމާ ތެދުވުމަށް ހަމާސް ޖަމާއަތުން ކަނޑައަޅައި، އިއުލާނުކުރުމާ ގުޅުވައިގެންނެވެ.





