ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، އެކަމުގެ ނޯޓިސް ހިއްސާދާރުންނަށް ފޮނުވައިފިއެވެ.
މި ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ބާސެލޯ ނަސަންދުރާގައެވެ. މި ޖަލްސާގައި ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ބާސެލޯ ނަސަންދުރާއަށް ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް ”ފަހިވޯޓް“ މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ރާއްޖޭގެ އެންމެ ކަސްޓަމަރުން ގިނަ ބޭންކުގެ މި ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓަރީ ކުރެވޭނީ އެމްއެސްޑީގެ އޮންލައިން ސިސްޓަމް ”އިންފިނިޓީ“ (https://infinity.mv/) މެދުވެރިކޮށެވެ. ބީއެމްއެލުން ބުނި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ޕްރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 އާ ހަމައަށް އޮންނާނެއެވެ.
ބޭންކުން ބުނި ގޮތުގައި މި އަހަރުގެ ޖަލްސާއަކީ ބޭންކުގެ ކުރިމަގަށް ވަރަށް މުހިންމު ނިންމުންތަކެއް ނިންމާނެ ޖަލްސާއެކެވެ. އޭގެ ތެރޭގައި ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ އިތުރުން ބޭންކުގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ބޯޑުން ވަނީ ހުށަހަޅާފައެވެ. މި ކަންކަން ފާސްކުރެވެނީ ހިއްސާދާރުންގެ ހާއްސަ ގަރާރަކުން ކަމަށްވާތީ، ވީހާވެސް ގިނަ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަކީ ބޭންކުގެ ވަރަށް ބޮޑު އެދުމެކެވެ.
މިދިޔަ އަހަރަކީ ބީއެމްއެލްއަށް މާލީ ގޮތުން ވަރަށް ކާމިޔާބު އަހަރެކެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 55.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އިގްތިސާދީ ކުރިއެރުމަށް ބޭންކުން ކުރާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފައިވެއެވެ. މިއީ ބޭންކުގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، މިދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 16 އިންސައްތަ އިތުރުވެފައެވެ.





