ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިދާރީ އޮނިގަނޑު ހަރުދަނާކޮށް، އެގްޒެކްޓިވް ޓީމުގެ މެމްބަރުންގެ ދައުރުތަކަށް މިއަދުން ފެށިގެން އަމަލުކުރާ ގޮތަށް ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ.
ގައުމީ ބޭންކުން ބުނި ގޮތުގައި މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. މި އާ ބަދަލުގެ ދަށުން ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެމްބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް، އެ ބޭފުޅުންގެ މިހާރުގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެފައެވެ.
އެގްޒެކްޓިވް ލީޑަޝިޕަށް ގެނައި މައިގަނޑު ބަދަލުތައް:
- ޗީފް ކޮމާޝަލް އޮފިސަރު: އައިޝަތު ޒަމްރާ ޒާހިރު
- ޗީފް މާކެޓިން އޮފިސަރު: މޫސާ ނިމާލް
- ޗީފް ރިސްކް އޮފިސަރު: ރަޝްފާ ޖައުފަރު
- ޗީފް ކްރެޑިޓް އޮފިސަރު: ގެރީ ލޯޓަން
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށާއި، ބޭންކު މިވަގުތު އޮތީ މާލީ ގޮތުން ވަރަށް ހަރުދަނާ ހާލަތެއްގައި ކަމަށެވެ.
”އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައި ދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،“ މުހައްމަދު ޝަރީފް ވިދާޅުވިއެވެ. ”މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް.“
ބީއެމްއެލްގެ ބޯޑު އޮފް ޑައިރެކްޓަރުންގެ އެޕްރޫވަލްއާ އެކު ގެނައި މި އާ އޮނިގަނޑަށް މިއަދުން ފެށިގެން ބޭންކުން ވަނީ އަމަލު ކުރަން ފަށައިފައެވެ. މި ބަދަލުތަކާއެކު ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެ ބޭންކުން އުންމީދު ކުރެއެވެ.





