ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފުރަތަމަ ބޮޑު ޖަލްސާ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނެ ކަން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ޖަލްސާ އާޓިފިޝަލް ބީޗުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރިއަށްދާނެއެވެ.
މި ޖަލްސާގެ ތައްޔާރީގެ ގޮތުން ”ވޭކް އަޕް“ގެ ނަމުގައި ޕީއެންއެފުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ރަސްމީ މީޑިއާ ގްރޫޕުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ސޯޝަލް މީޑިއާގައި އެ ޕޯސްޓަރު ހިއްސާކުރައްވާފައި ވެއެވެ. ޖަލްސާގެ ތަފްސީލްތައް ޕީއެންއެފުން ހާމަކުރީ މިރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައެވެ. އަންނަ ބުރާސްފަތީގައި އޮންނަ އެ ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފުން ބުނެއެވެ.
މިއީ ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކަށް ފަހު، ރައްޔިތުންނަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ޕީއެންއެފް އުފެއްދެވުމަށްފަހު މިއަދާ ހަމައަށް ވެސް ސަރުކާރާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދެވީ އެ މަނިކުފާނުގެ ގެކޮޅުގައި ބާއްވާ ޖަލްސާތަކުގައެވެ. އެހެންވެ އެ ކަމަށް ފާޑު ކިޔައި، ވާދަވެރިން އެއީ ”ސިޓިން ރޫމް“ ޖަލްސާތަކެއްގެ ގޮތުގައި ވެސް ސިފަކުރިއެވެ. މި ޖަލްސާއަކީ އެފަދަ ފާޑުކިޔުންތަކަށް ރައްދެއްގެ ގޮތުގައި ބޮޑު އާންމު ޖަލްސާއަކަށް ވެދާނެއެވެ.
ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހުއެވެ. ޕީއެންއެފް އުފެދުނީއްސުރެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކި ކަންކަމުގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.





