ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން، 2013 އިން 2018 އަށް ރާއްޖޭގެ ވެރިކަން ކުރެއްވި ޔާމީން ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަމަށް ހުރަސް އަޅާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ މަނިކުފާނު ޖަލަށްލައި، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލި ފަދަ ”އަނިޔާވެރި“ އަމަލެއް ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ”އިރާދަކުރެއްވިއްޔާ ހަމަ 2028ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ،“ ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ބޭއްވުނު ބައި-އިލެކްޝަންތަކުން ފެނިގެންދިޔައީ ސަރުކާރާ މެދު ރައްޔިތުންގެ އޮތް ހިތްހަމަނުޖެހުން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމުން ޔާމީނަށް ޓިކެޓް ދިން ނަމަވެސް، އޭރު އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައެއް ނުގަތެވެ. އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ ނަމަވެސް، ކޯޓުން ނިންމީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ މިހާރު ވަކިވެވަޑައިގެން އުޅުއްވާ ޔާމީން މިހާރު ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން، ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރައްވަމުންނެވެ.





