ޒަކާތު ފަންޑުގެ ދަށުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ދެވޭ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕް ލިބުނު 24 ދަރިވަރަކަށް ރޭ ރަސްމީކޮށް ލިޔުން ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުންތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.
މިއަހަރުގެ ޒަކާތު ފަންޑު ސްކޮލާޝިޕް ލިބުނު ޖުމްލަ 24 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލާޝިޕް ލިބުނު 17 ދަރިވަރަކާއި، ސްޓައިޕެންޑް ލިބުނު 6 ދަރިވަރަކާއި، ޓިއުޝަން ފީ ލިބުނު އެއް ދަރިވަރެކެވެ. މިއީ އިސްލާމީ ދާއިރާއިން ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޒަކާތު ފަންޑުން އަދާކުރާ މުހިންމު ދައުރެއްގެ ހެއްކެކެވެ.
މި ސްކޮލާޝިޕްތަކުގެ ދަށުން ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިފައިވަނީ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުންނެވެ. ރާއްޖެއިން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ އަދި މިސްރު ހިމެނެ އެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.
މި ސްކޮލާޝިޕް ލިބުނު ދަރިވަރުން ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަކޮށް އެކުލަވާލެވިފައިވާ ކޮމިޓީއަކުންނެވެ.



