ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޝަމްހީދު ވަނީ ހައްޖު ކޯޓާއާ ގުޅޭ ގޮތުން ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވި ފަހުން، ޖާގަ ލިބި ހައްޖަށްދާ މަންޒަރު ފެންނަ ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އާއި އޮޕަރޭޝަން މެނޭޖަރުގެ ރަށަށް ނިސްބަތްވާ ބޭފުޅުން ހިމެނޭ ކަމަށްވެސް މެންބަރު ޝަމްހީދު ތުހުމަތުކުރެއްވި އެވެ.
”ހައްޖު ކޯޓާއިން ވައްކަން ކުރުމަކީ މިއީ ހިނގާ ކަމެއް. މިނިސްޓަރަށް މިކަން ހުއްޓުވިދާނެތޯ އަޅުގަނޑުގެ ސުވާލަކީ،“ ޝަމްހީދު ވަޒީރާ ސުވާލު ކުރައްވަމުން ވިދާޅުވި އެވެ.
ޝަމްހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ”އަޅުގަނޑު ދަންނަވާނީ ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކަ އާއި މި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ،“ ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ހައްޖުވެރިންގެ އެހީތެރިން ނެގުމުގައި އުސޫލުތަކެއް އޮންނަ ކަމަށާއި، އެހީތެރިން ނަގަނީ އިއުލާނުކޮށް އިންޓަވިއުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އެހީތެރިންގެ ގޮތުގައި ގެންދަން ޖެހެނީ ”ގައިގައި ވަރުހުރި ގަދަފަދަ މީހުން“ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.





