ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ 90 ރީސައިކްލާ އޭޓީއެމްގެ ހިދުމަތް ފަށައި، ބޭންކިންގް ދާއިރާގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޭޓީއެމްތަކުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭ އިފްތިތާހުކުރި އޭޓީއެމްތަކުގެ ތެރޭގައި ޑޮލަރުގެ ހިދުމަތް ދޭ 70 އޭޓީއެމާއި ރުފިޔާގެ ހިދުމަތް ދޭ 20 އޭޓީއެމް ހިމެނެއެވެ. ރުފިޔާ އޭޓީއެމްތައް ބަހައްޓާފައިވަނީ ބީއެމްއެލްގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ.
މުޅި ރާއްޖޭގައި އަލަށް ބެހެއްޓުނު 70 ޑޮލަރު އޭޓީއެމްތަކުގެ ތަފްސީލަށް ބަލާއިރު:
- ހއ. އަތޮޅު: 5 އޭޓީއެމް، ހދ. އަތޮޅު: 5 އޭޓީއެމް، ށ. އަތޮޅު: 4 އޭޓީއެމް، ނ. އަތޮޅު: 4 އޭޓީއެމް
- ރ. އަތޮޅު: 6 އޭޓީއެމް، ބ. އަތޮޅު: 5 އޭޓީއެމް، ޅ. އަތޮޅު: 3 އޭޓީއެމް، ކ. އަތޮޅު: 10 އޭޓީއެމް
- އއ. އަތޮޅު: 3 އޭޓީއެމް، އދ. އަތޮޅު: 6 އޭޓީއެމް، ވ. އަތޮޅު: 3 އޭޓީއެމް، ފ. އަތޮޅު: 1 އޭޓީއެމް
- މ. އަތޮޅު: 3 އޭޓީއެމް، ދ. އަތޮޅު: 1 އޭޓީއެމް، ތ. އަތޮޅު: 4 އޭޓީއެމް، ލ. އަތޮޅު: 3 އޭޓީއެމް
- ގއ. އަތޮޅު: 3 އޭޓީއެމް، ގދ. އަތޮޅު: 3 އޭޓީއެމް، ޏ. އަތޮޅު: 1 އޭޓީއެމް، ސ. އަތޮޅު: 5 އޭޓީއެމް
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ރީސައިކްލާ އޭޓީއެމްގެ ހިދުމަތް ދޭން ފެށުމަކީ ދުނިޔޭގެ އެއްވެސް ބޭންކަކުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިތުރު ހަ ރަށެއްގައި ގާއިމްކުރި ބީއެމްއެލްގެ އާ ބްރާންޗްތައް ވެސް ރޭ އިފްތިތާހުކޮށްދެއްވާފައެވެ. އެ ރަށްތަކަކީ ހދ. ހަނިމާދޫ، އއ. ތޮއްޑޫ، ތ. ވިލުފުށި، ސ. ހުޅުދޫ، ލ. ހިތަދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. މީގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވީ ވިޔަފާރިތަކަށް ހާއްސަ ”ބިޒްނަސް ސެންޓަރު“ އެކެވެ.
ބޭންކުން ބުނި ގޮތުގައި މި އާ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން ހިދުމަތް ދިނުމަށެވެ. މި މުވައްޒަފުންނަކީ ހަމައެކަނި ބްރާންޗުގައި ތިބޭނެ ބައެއް ނޫން ކަމަށާއި، އެބޭފުޅުން ގޭގެއަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް، ބޭންކުގެ އުފެއްދުންތަކުގެ މައުލޫމާތު ދިނުމާއި، ފައިނޭންޝަލް ލިޓެރަސީ އަދި ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ވަމުންދިޔަ ކަމުގައި ވިޔަސް، ބޭންކު އަބަދުވެސް ދެމިއޮންނާނީ ކަސްޓަމަރުންނާ ވަރަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.





