ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާލާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ޑޮލަރު ވިއްކުން ހުއްޓާލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ކުރިންވެސް އަމަލުކުރަމުން އައި އުސޫލުގެ ތެރެއިން، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.
މި މަހުވެސް ޓީޓީ ހެދުމަށް ޑޮލަރު ބޭނުންވި ކޮންމެ ކަސްޓަމަރަކަށް، ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމަށާއި، މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްނުދީ ނުވާނެ ކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ. ނަމަވެސް، ވިޔަފާރިތަކުން ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ފޯރުކޮށްނުދެވިދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭންކް މެދުވެރިކޮށް ވަންނަ ފައިސާއަށްވުރެ ބޭރަށް ފޮނުވާ ފައިސާގެ އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
”މި ނާޒުކު ދުވަސްވަރު ވެސް ބީއެމްއެލް އިން އަންނަނީ ކާބޯތަކެއްޗާއި އެކިއެކި ބޭނުންތަކަށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމަށްޓަކައި ވިޔަފާރިތަކަށް ކުރިއަށް ވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުން،“ ބަޔާނުގައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހަކަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް އަދަދު ކަމަށްވާ 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް 38,855 ޓީޓީއަކަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އޭޕްރީލް މަހު އެކަނިވެސް 6,800 އަށްވުރެ ގިނަ ޓީޓީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.





