ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕަރސަން މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފުރިހަމަ އެހީތެރިކަން ބޭންކަށް ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، މިކަމަށް އެދޭ ހުރިހާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ކާޑަށް ލިމިޓް ދޫކުރަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިންވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ’ކޭސްބައި ކޭސް‘ އުސޫލުން ބަލައި، ބޭންކުން ވަނީ ކާޑަށް ލިމިޓް ދޫކޮށްފައެވެ. ނަމަވެސް އާ ނިންމުމާއެކު މި ހިދުމަތް މިހާރަށްވުރެ ފުޅާވެ، ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހެއްގެ މައްޗަށް 1,200 ޑޮލަރުގެ ލިމިޓެއް މިހާރުވެސް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބޭންކުން ވަނީ ހުޅުވާލާފައެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓައިޕެންޑާއި އެހެނިހެން ބޭނުންތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ރާއްޖޭގައި ހުންނަ ރުފިޔާ އެކައުންޓުން ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި އިންތިޒާމުތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ލިބެމުންދާނެއެވެ. ބޭންކުން ވަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.





