މާލީ ބަޔާންތަކުގައި ހުރީ ބޮޑެތި އޮޅުވާލުންތައް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބުނު ހަދިޔާ ވާނީ ރިޝްވަތަކަށް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.
ޔާމީން ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ މާލީ ބަޔާންތަކަކީ ނަމެއްގައި ނެރުނު އެއްޗެއް ކަމަށާއި، އެ ބަޔާންތަކުގައި ހުރީ ހުސް އޮޅުވާލުންތައް ކަމަށެވެ. އަދި ނެރެފައިވާ މާލީ ބަޔާންތައް ތާކުންތާކު ނުޖެހޭއިރު، ހަމައެކަނި އިޖުރާއަތް ފުރިހަމަ ކޮށްލީ ކަމަށާއި، މާލީ ބަޔާންތަކުގައި ހުރީ ބޮޑެތި އޮޅުވާލުންތައް ކަމަށެވެ.
”މަޖިލިސް މެމްބަރުންނަށް ލިބުނު ހަދިޔާ ފެތޭނީ ރިޝްވަތަށް.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މެމްބަރުންގެ މާލީ ބަޔާނުގައި ފޮރުވުންތައް ހުރިކަން ސާބިތަށް ފެންނަން އޮތްއިރު އެކަން ތަހުގީގުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފުލުހުންނަށް އަމުރުކުރަންޖެހޭ ކަމަށެވެ. އެ އަމަލު ފެތެނީ މަނީ ލޯންޑަރިންގެ ތެރެއަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ބައެއް މެންބަރުންނަށް އަހަރު ދުވަހުގެ ތެރޭގައި ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުގައި ވެއެވެ.





