ދިވެހިރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރުމަށްޓަކައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި އިސްލާހު ހުށަހެޅުއްވި މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ކޮންޓްރެކްޓަރުންނާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. މީގެ ބޭނުމަކީ ބޭރު ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ކަށަވަރުކުރުމެވެ. އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީ، ޓެކްނިކަލް ފީ، ޑިވިޑެންޑް އަދި ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި އުނިކުރަނީ ފަސް އިންސައްތައެވެ. ނަމަވެސް، މެންބަރު ޒަރީރު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ރާއްޖޭން ބޭރު ފަރާތްތަކުގެ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށެވެ.
މީގެ އިތުރުން، ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް ވެސް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ވަކި އިސްލާހެއް ހުށަހަޅައިފައެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި އިސްލާހުގެ މަގުސަދަކީ ރާއްޖޭގައި ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ވަނީ ހުށަހަޅައިފައެވެ.
ބިލާއެކު ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓް އެސްޓިމޭޓުގައިވާ ގޮތުން، މި ބަދަލުތަކާ ގުޅިގެން ދައުލަތުން އެއް ފަހަރު ކުރަން ޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ، އަދި މުވައްޒަފުންނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އިތުރަށް 5.1 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މި އިސްލާހުތައް ފާސްވެ އަމަލުކުރަން ފެށުމުން، ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވެސް ތާއީދާއެކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މި ބިލު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.





