ސަރުކާރުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ހުށައެޅި ޝަރުތުތަކަށް ކުންފުނިތަކުން ޝަކުވާކުރުމާއި ގުޅިގެން، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނެސް، އަންނަ މަހުގެ ތެރޭގައި މި ޚިދުމަތް ދިނުމަށް އަލުން ހުޅުވާލާނެކަމަށާއި، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ދަތުރުފަތުރާ ބެހޭ ވަޒީރާ ސުވާލުކުރެއްވުމުންނެވެ. މެންބަރު ސުވާލުކުރެއްވީ، މި އަހަރުގެ މާރޗް މަހު ފެށުމަށް ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި، އެ މަސައްކަތް ފަށާނެ މުއްދަތު އަދި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ ގުޅޭގޮތުންނެވެ.
ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލަށް ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާއި ސަރުކާރަށް އެންމެ ބޮޑު ފައިދާއެއްވާނެ ގޮތަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އޭރު ހުޅުވާލި ފުރުޞަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ.
”ހަމައެކަނި ޚިދުމަތުގެ ޓެކްސް ނަގާގޮތަށް އެކަނި އެކަން އޮންނަން ސަރުކާރުން ބޭނުން ނުވޭ. އެކަމުން ދަޢުލަތަށް އެންމެ ބޮޑު ފައިދާއެއް ހޯދޭނީ ކިހިނެތްތޯ ބެލީ. އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭންޖެހޭގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި،“ ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިގޮތަށް ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
”ކުރީގެ ތަޖުރިބާއަށް ބަލާފައި އާރްއެފްޕީއައް ލުއި ބަދަލުތަކެއް ގެންނާނަން. ޑިސެމްބަރުގެ ކުރިން ހުޅުވާލާ، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،“ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ އެކަށީގެންވާގޮތުގައި މި ޚިދުމަތް ދިނުމަށް، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރާފައިވާ ޤައުމު އެމެރިކާގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާއި ރާއްޖޭގައި ދިރާސާއެއްވެސް ކުރިއަށްގެންސްފައިވާކަމަށެވެ. މި ދިރާސާއިންވެސް ހެލިކޮޕްޓަރުގެ ވަކި ބާވަތްތަކުގެ ޚިދުމަތް ރާއްޖޭގައި ރައްކާތެރިކަމާއެކު ދެވޭނެކަން އެނގިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ 25 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިން އިރު، ހިތާމަވެރި 3 ހާދިސާއެއް ހިނގުމަކީ، ރައްޔިތުންގެ ހިތުގައި އެކަމާ މެދު ނުތަނަވަސްކަމެއް އަދިވެސް އޮތް ކަމެއްކަމަށެވެ. އެހެންކަމުން މި ދިރާސާއާއި އަދި ޚިދުމަތްވެސް ބައްޓަންކުރާނީ ސީ.އޭގެ މިންގަނޑުތަކަށް އެންމެ ރައްކާތެރިކޮށްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ޚިދުމަތަކަށް ވާނެކަމަށާއި، އިންސާނީ އެހީތެރިކަން ދިނުމުގައިވެސް އެހީއަކަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.





