ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު ލިބިދޭ ’ޓްރޭޑްމާކް‘ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްވުމާއެކު، ރާއްޖޭގެ ބާޒާރަށް އެތެރެވާ ނުވަތަ ވިޔަފާރިކުރާ ފޭކު މުދަލުގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް ވަނީ އެޅިފައެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. އެއްވެސް މެންބަރަކު މި ބިލާ ދެކޮޅަށް ވޯޓު ދީފައެއް ނުވާތީ، މިއީ މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް ލިބުނު ބިލެކެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލެކެވެ.
’ޓްރޭޑްމާކް’އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. މީގެ ތެރޭގައި އަމިއްލަ ނަން، އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ.
ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ބިލުގެ ހަވަނަ ބާބުގައި ޓްރޭޑްމާކާ ގުޅޭ ހައްގަކަށް އަރައިގަތުމުގެ އަމަލުތަކާއި ތަންފީޒީ ފިޔަވަޅުތައް ވަނީ ތަފުސީލުކޮށްދީފައެވެ. އެގޮތުން ވެރިފަރާތުގެ ހުއްދަނެތި ގަސްތުގައި ކުރުން މަނާކަންކަމުގެ ތެރޭގައި މާކެއް ކައުންޓަފީޓްކުރުން، މުދަލެއްގައި ނުވަތަ ޚިދުމަތަކާ ގުޅުވައިގެން ކައުންޓަފީޓް މާކެއް ބޭނުންކުރުން، ކައުންޓަފީޓްކުރި މާކް ޖަހާފައިވާ ކަމަށް ބެލެވޭ ފަދަ ތަކެތި ގެންގުޅުން، ކައުންޓަފީޓްކޮށްފައިވާ މުދާ ރާއްޖެއަށް އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކުރަން އުޅުން އަދި ކައުންޓަފީޓްކޮށްފައިވާ މުދަލުން ވިޔަފާރިކުރުން ހިމެނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، ދެ މިިލިއަން ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ހަމައެއާއެކު ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ. މި ބިލުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަމަހަމަކަން ގާއިމުވެ، ބްރޭންޑްތަކުގެ ހައްގު ރައްކާތެރިކުރެވޭނެ ކަމަށް ބެލެވެއެވެ.





